ޗައިނާއިން ހޮންކޮންގުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާ ގުޅިގެން، 2020 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަހައްދާ ދެކޮޅަށް އެޅުއްވި ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކާއި ވިޔަފާރީގެ ހުރަސްތައް އެމެރިކާ ސަރުކާރުން އުވާލައިފިއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ޓްރެޜަރީން މިކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި ބަދަލާއެކު ވެސް ހޮންކޮންގަށް ކުރިން އޮތް އަމިއްލަ އިސްތިގުލާލީ ދަރަޖަ އަލުން އިއާދަކޮށްފައެއް ނުވެއެވެ. ހޮންކޮންގާ ގުޅޭގޮތުން ޓްރަމްޕް އިއުލާންކުރެއްވި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމަށް އެމެރިކާއިން ދޫކޮށްލުމުން، އެ ސަރަހައްދަށް ކުރިން އޮތް ޚާއްޞަ ވިޔަފާރި އާއި އިގްތިސާދީ ދަރަޖަ އަލުން ލިބޭނެ ކަމަށް ޗައިނާއިން ބުނަމުންދިޔަ ވާހަކަތައް އެމެރިކާގެ އޮފިޝަލުން ވަނީ ދޮގުކުރައްވާފައެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، މުއްދަތު ހަމަވާން ދޫކޮށްލާފައިވަނީ ހަމައެކަނި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ބައިތަކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައި ނަމަވެސް، ރިޔާސީ އަމުރުގެ އެހެން ބައިތައް އަދިވެސް ދެމިއޮންނާނެ ކަމަށެވެ. "އެމެރިކާގެ ގާނޫނުތަކުގެ ދަށުން ޗައިނާއާ ތަފާތުކޮށް ހޮންކޮންގާ މެދު އަމަލުކުރަން ޖެހޭ މިންވަރަށް ހޮންކޮންގުގައި މިހާރު އަމިއްލަ އިސްތިގުލާލެއް ނެތް،" އޭނާ ވިދާޅުވިއެވެ. ޓްރެޜަރީން ބުނި ގޮތުގައި، 2019 ގެ 'ހޮންކޮންގް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ އެކްޓް' އަދި 2020 ގެ 'ހޮންކޮންގް އޮޓޮނޮމީ އެކްޓް' ގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
2020 ގައި ނެރުނު ރިޔާސީ އަމުރުގެ ދަށުން ފިޔަވަޅު އެޅުނު 49 މީހުންގެ ތެރެއިން 38 މީހަކަށް އަދިވެސް ދަތިކުރުމުގެ ފިޔަވަޅުތައް ދެމިއޮންނާނެއެވެ. ޓްރެޜަރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި އަމުރު އާނުކުރުމަކީ ދަތިކުރުމުގެ ފިޔަވަޅުތައް ޒަމާނީކޮށް، އެއް މަގްސަދެއްގައި ތަކުރާރުކޮށް އަޅާފައިވާ ފިޔަވަޅުތައް މަދުކޮށް، އެ ފިޔަވަޅުތަކުގެ ނަތީޖާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
1997 ވަނަ އަހަރު އިނގިރޭސިވިލާތުން ޗައިނާއާ ހޮންކޮންގު ހަވާލުކުރި ފަހުން، އެއީ ވަކި ކަސްޓަމްސް ސަރަހައްދެއްގެ ގޮތުގައި އޮވެ، މަތީ ދަރަޖައެއްގެ އަމިއްލަ އިސްތިގުލާލެއް ލިބިގެންވާ ތަނެއްގެ ގޮތުގައި އޮތުމުން، އެމެރިކާއިން އައީ ޗައިނާއާ މެދު އަމަލުކުރާ ގޮތާ ތަފާތުކޮށް ހޮންކޮންގަށް ޚާއްޞަ އިގްތިސާދީ ދަރަޖައެއް ދެމުންނެވެ. ނަމަވެސް 2020 އިން ފަށައިގެން އެމެރިކާއިން ހޮންކޮންގާ މެދު އަމަލުކުރަމުން އައީ ޓެރިފާއި އެކްސްޕޯޓް ކޮންޓްރޯލްގެ ކަންކަމުގައި ޗައިނާއާ އެއްގޮތަށެވެ.
މި ނިންމުމަށް ޗައިނާގެ ކޮމާސް މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފައެވެ. ޗައިނާއިން ބުނި ގޮތުގައި ހޮންކޮންގުގެ ދަރަޖަ އަލުން އިއާދަކުރުމަކީ ބެއިޖިންގާއި ވޮޝިންގޓަނާ ދެމެދު ފަހަކަށް އައިސް ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންތައްތައް ތަންފީޒުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ. ނަމަވެސް، ޖެނުއަރީ 2025 ގައި ޓްރަމްޕް އަލުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކަނޑައަޅުއްވާފައިވާ އިމްޕޯޓް ޑިއުޓީތަކަށް މީގެ ސަބަބުން އަސަރެއް ކުރާނެކަން އަދި ސާފެއް ނުވެއެވެ
މި ލިޔުން ކިޔާލުމުން



