އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނަމަ، އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންނަށް "ހަނދާނުން ފޮހެލަން ދަތި ފިލާވަޅުތަކެއް" ލިބޭނެ ކަމުގެ ހަރުކަށި އިންޒާރު އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީ ދެއްވައިފިއެވެ. ދައުލަތުގެ ޓީވީ މެދުވެރިކޮށް ހޮނިހިރު ދުވަހު އާންމުކުރި ބަޔާނެއްގައި ޚާމަނާއީ ވަނީ އެމެރިކާއަކީ އިތުބާރު ކުރެވޭނެ ބައެއް ނޫން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.ޚާމަނާއީގެ ބަޔާނުގައި، ދާދިފަހުން ދެ ގައުމުގެ ދެމެދުގައި ވެވުނު ފަހުމުނާމާއާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮޔަކީ "ބާޠިލު އަދި އެއްވެސް އަގެއް ނެތް" އެއްޗެއްކަން މި ޢަމަލުތަކުން ސާބިތުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. ޚާމަނާއީ ސިފަކުރެއްވި ގޮތުގައި އެމެރިކާގެ ޢަޢީދާ އާއި ސިޔާސަތަކީ ގަނާކުރުމާއި، ބާރުގެ ނުފޫޒު ފެތުރުމާއި، އަދި އަނިޔާވެރިކަމެވެ.
މި ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ ފާލަންތަކާއި، ރޭލު ދަގަނޑުތަކާއި، ފެން ސާފުކުރާ ޕްލާންޓްތައް ފަދަ މުހިންމު މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ޙަމަލާތައް ވަރުގަދަކޮށްފައެވެ. މީގެ ރައްދުގައި އީރާނުން ކުވެއިތުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފައިވާއިރު، އެ ގައުމުން ވަނީ ކަރަންޓު އިގްތިސާދު ކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ މި ހަނގުރާމައަކީ، ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ ހަނގުރާމައެއް ކަމަށް އީރާނުގެ އިސް ލީޑަޝިޕުން ދެކެއެވެ.
ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ މަގުފަހިކުރުމަށް ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކުރިއެވެ. ނަމަވެސް، އެއް ގައުމުން އަނެއް ގައުމަށް އެއްބަސްވުމާ ޚިލާފުވި ކަމުގެ ތުހުމަތުތައް ކުރުމަށްފަހު، ދެ ފަރާތުން ވެސް މިހާރު ވަނީ އެ އެއްބަސްވުން ބާޠިލުވެފައިވާ ކަމަށް އިޢުލާންކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ތެރޭގައި ވެސް ސަރުކާރަށް އޮތް ތާއީދު ދަނީ ކުޑަވަމުންނެވެ.
މީގެ އިތުރުން، އީރާނަށް ތާއީދުކުރުމުގެ ގޮތުން ޔަމަނުގެ ހޫތީން ރަތްކަނޑުގެ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ. އެހެންވެއްޖެނަމަ ދުނިޔޭގެ ހަކަތައިގެ ބާޒާރު އިތުރަށް ގަޑުބަޑުވެ، ތަކެތީގެ އަގު އުފުލި، ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވާ ފިއްތުންތައް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ޚާމަނާއީ ވަނީ ގައުމު ޙިމާޔަތްކުރުމުގައި ލީޑަޝިޕަށް އިތުބާރު ކުރުމަށާއި، ހަނގުރާމައިގެ މި ދަނޑިވަޅުގައި ހޭލުންތެރިކަން މަތީ ދެމިތިބުމަށް އީރާނުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ



