މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލްކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ،ލޭބަރ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ. ދައުލަތުގެ އެންމެ ދިގު ތާރީހެއް އޮތް މި މުއައްސަސާގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ހަރުދަނާވެގެންދާނީ ޑިޖިޓަލް މާހައުލެއްގެ ތެރެއިން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވި ގޮތުގައި، ކަސްޓަމްސްގެ އެންފޯރސްމަންޓް މަސައްކަތްތަކުގެ ތެރެއަށް ޓެކްނޮލޮޖީ ތައާރަފްކޮށް، ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ އަމާންކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އެ މުއައްސަސާއިން ހާއްސަ އިސްކަމެއް ދޭނެއެވެ. ބޯޑަރު ސަލާމަތްތެރިކުރުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައިދިނުމުގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ ރައްކާތެރިކުރުމުގައި ކަސްޓަމްސްގެ ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހާއްސަކޮށް، މަސްތުވާތަކެއްޗާއި ގާނޫނާ ހިލާފު ތަކެތި ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓުމުގައި ކަސްޓަމްސްއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް މިނިސްޓަރ ތައުރީފުކުރެއްވިއެވެ. ކަސްޓަމްސްގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވެސް ކަސްޓަމްސްގެ އޮފީސްތައް އަންނަނީ ގާއިމްކުރަމުންނެވެ.
ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ 18 ޖުލައި 1890 ގައި "ބަންޑާރަ ފިހާރަ" ގެ ނަމުގައެވެ. އޭގެ ފަހުން 11 ނޮވެމްބަރު 1998 ގައި މި މުއައްސަސާގެ ނަން "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށް ބަދަލުކުރެވުނު އިރު، ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި މަދަނީ މުއައްސަސާއަކަށް ކަސްޓަމްސް ބަދަލުވެގެންދިޔައީ 11 މެއި 2011 ގައި ތަސްދީގުކުރެވުނު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ދަށުންނެވެ.



