ހުޅުމާލެ ފޭސް 1 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ފައިސާއާއެކު ބަންގްލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ސަރވިސްއިން ބުނެފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ މުހައްމަދު ކައުސަރު ހުސައިން ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނެކެވެ.
ޕޮލިސް ސަރވިސްއިން މައުލޫމާތު ދިން ގޮތުގައި، މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުކުރި 11:55 ހާއިރު މި އޮޕަރޭޝަން ހިންގާފައިވަނީ ސައިކަލެއްގައި ބަނގުރާ ހިފައިގެންދާ ކަމަށް ފުލުހުންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި މި މައުލޫމާތު ލިބުމާއެކު، ހުޅުމާލެ ޕޮލިހުން ވަނީ މިދިލިމަގުން ދަތުރުކުރަމުންދިޔަ އެ ސައިކަލު ހުއްޓުވައި، އެމީހާ ބަލައި ފާސްކޮށްފައެވެ.
އެމީހާ ހުއްޓުވައި ފާސްކުރިއިރު އޭނާގެ އަތުން ތަފާތު ބްރޭންޑްތަކުގެ ޖުމްލަ 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، އޭނާގެ އަތުން ދިވެހި ރުފިޔާގެ 31,375 އާއި ލަންކާގެ 1,050 ރުޕީސް ފެނިފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ޕޮލިސް ސަރވިސްއިން ހާމަކުރިގޮތުގައި މި މައްސަލަ އެ އިދާރާއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



