މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ ދަށުން ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް ހަދާ ބައި ނިމި، އަންނަ ހަފުތާގައި ހުޅުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަޔާންކުރިއެވެ. މި ސަރަހައްދުގައި 500 ސައިކަލުގެ ޕާކިންގ ޖާގަ ހުންނާނެއެވެ. އަދި ރައީސް ފާހަގަކުރާ ގޮތުގައި، މި މަސައްކަތް ނިމުމުން އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް، އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރަން ފެށޭނެއެވެ. އަދި މަގު ފުޅާކުރުމަށް ފަޅުން ބައެއް ހިއްކި ނަމަވެސް، ތިން ފަރާތުގައި ކީވޯލް ހުންނާތީ އުޅަނދުފަހަރަށް ބަނދަރުގައި ލިބޭ ޖާގަ އިތުރުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިތުރަށް ހާމަކުރެއްވި ގޮތުގައި، މާލޭގެ ތޮއްޖެހުމަށް ދާއިމީ ޙައްލެއް ލިބޭނީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނެވިގެންނެވެ. އަދި މިހާރު މާލޭ ސަރަހައްދަށް އަމާޒުކޮށް މަޝްރޫޢުތައް ކުރިއަށްގެންދަނީ، ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅޭ މި ސަރަހައްދަށް މިހިނދުން މިހިނދަށް ބޭނުންވާ ޙައްލުތައް ފޯރުކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.






