މި މުބާރާތުގެ ދެވަނަ މަޤާމު ރ. ފައިނު، އައްސޭރި، ނަފްޙާ ނަސީމް ހާސިލްކުރިއިރު، އޭނާއަށް ލިބުނު 25,000 ރުފިޔާއާއި އުމްރާ ދަތުރު ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބްއެވެ. ތިންވަނަ ހާސިލްކުރި ށ. މިލަންދޫ، އަންނާރުމާގެ، މަރްޔަމް ޘާނީއަށް އިނާމު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ޚިދުމަތްތެރިޔާ މޫމިނާ އިބްރާހީމްއެވެ. ހަތަރުވަނަ ގއ. ވިލިނގިލި، ފިނިފެންޖަންބުގެ، ޙައްވާ ޝީން އަޙްމަދު ހާސިލްކުރިއިރު، ފަސްވަނަ ހާސިލްކުރީ އއ. މަތިވެރި، އަތިރީގެ، ޙުސައިން ރަޝީދުއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ އެމްޑީ އަޙްމަދު ޝަކީބު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އާންމުންނާ ގުޅުންހުރި ފައިދާކުރަނިވި ޕްރޮގްރާމްތައް ގެނެސްދިނުމަށް ކަމަށެވެ. އަދި ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ޝޯއަކީ ކޮންމެ ސީޒަނަކާއެކު ކުރިއަރަމުން އަންނަ ޕްރޮގްރާމެއްކަން ފާހަގަކުރައްވައި، މި މުބާރާތުގެ ތެރެއިން ބައިވެރިންނަށް ވާހަކަދެއްކުމާއި، ހުށަހެޅުމާއި، ލިޔުންތެރިކަމުގެ ގިނަ ތަމްރީންތަކެއް ދެވި، ކުދިން ބައްޓަންވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ފަހުގެ ހުށަހެޅުންތައް މިދިޔަ ޖޫން މަހުގެ 27 އަދި 28 ގައި ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ގެނެސްދީފައިވާއިރު، ފައިނަލިސްޓުންނަށް ވޯޓު ދިނުމުގެ ފުރުޞަތު "ޕީއެސްއެމް އެއަރ" އެޕްލިކޭޝަން މެދުވެރިކޮށް އޮތީ ހުޅުވާލާފައެވެ. ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރުމަށް ބާއްވާ މި ރިއަލިޓީ ޝޯއަކީ ރާއްޖޭގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ.






