އާރ.ޓީ.އެލް ގެ ޕޭމެންޓް ކަލެކްޝަން އަށް ބޭނުން ކުރާ ބެންކް އޮފް މޯލްޑިވްސް ގެ ސަރވަރ ގެ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާތީ، އެމް.ޓީ.ސީ.ސީގެ އާންމު ދަތުރުފަތުރު ކުރައްވައި ބޭފުޅުން ކުރިން ކުރައްވާފައިވާ ދަތުރުތަކާއި ގުޅުންހުރި މުއާމަލާތެއްގެ މެސެޖެއް، އައުމަކީ އެކަޝީގެންވާ ކަމެއްކަމަށް އެމް.ޓީ.ސީ.ސީން ވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނެސްދީފައެވެ.
އެމް.ޓީ.ސީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސާވަރުގެ މެއިންޓަނަންސް މަސައްކަތްތައް ނިމުމާ ގުޅިގެން، އާރް.ޓީ.އެލްގެ ޚިދުމަތް ހޯއްދަވާ އާންމު ދަތުރުވެރިން ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅުންހުރި މުއާމަލާތްތަކުގެ ނޮޓިފިކޭޝަން ނުވަތަ މެސެޖެއް ދަތުރުވެރިންގެ ފޯނަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސްއިން އެދިފައިވާތީ، އެމް.ޓީ.ސީ.ސީން ވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނެސްދީފައެވެ.
މި މަސައްކަތަކީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭންކުން ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށް އެމް.ޓީ.ސީ.ސީން ފާހަގަކުރެއެވެ.
މި ނިޒާމު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތުގެ ތެރެއިން ކަސްޓަމަރުންނަށް ދިމާވެދާނެ އެއްވެސް ދަތިކަމަކަށް އެމް.ޓީ.ސީ.ސީން ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު މައާފަށް އެދިފައެވެ. ހަމައެހެންމެ، ޚިދުމަތްތައް ތަރައްގީކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އެމް.ޓީ.ސީ.ސީން އިތުރަށް ބުނެފައިވާ ގޮތުގައި، މިކަމާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅުއްވުމުން އެހީތެރިކަން ލިބޭނެއެވެ.



