މާލޭ ނޯތު ހާބަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދީ، ކިއު ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 20 ވާ ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެން މި އާ އިސްލާހުތަކަށް އަމަލުކުރަން ފަށާނެއެވެ. މި ބަދަލުތަކަކީ އުޅަނދުފަހަރަށް އަވަސް އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމަށްޓަކައި ގެނައި ބަދަލުތަކެކެވެ.
އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، "އޭ" އަދި "ސީ" ޒޯންގެ ކިއުތަކުގައި ނޯޓުކޮށްފައިވާ އުޅަނދުތައް ފަސް ދުވަހުގެ މުއްދަތަށް ކެންސަލް ނުވާގޮތަށް ހޯލްޑް ކުރުމަށް ކުރިން އޮތް ފުރުސަތު މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް، ކިއު ލަސްކުރުމުގެ ފުރުސަތު ކުރިންވެސް އޮތް އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށްވުރެ ގިނަ ކިއުގައި ނޯޓުކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އެގޮތުން، އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ނުވަތަ "ސީ" ޒޯންގެ ތެރެއިން ކިއުއެއްގައި ނޯޓުކުރެވޭނީ ކޮންމެވެސް އެއް ޒޯނެއްގައެވެ. މި އުސޫލުގައި ބުނާ ގޮތުން، "އެއް ދަތުރު" ކަމަށް ބަލާނީ ކިއުއިން ޖާގަ ލިބި، މުދާ ބަރުކޮށް، ފައިސާ ދައްކައި ނިންމުމަށްފަހު ބަނދަރުން ފުރައިގެން ދިއުމަށެވެ.
އެމްޕީއެލްއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލުތައް ގެނެސްފައިވަނީ ނޯތު ހާބަރުގެ ޚިދުމަތް ހޯދާ އޮޑިވެރިންގެ ޚިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމަށްފަހު، އެ ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތަކަށެވެ.



