Thursday, November 5
ޒުވާނުންނަށް އިންޓާންޝިޕް ފުރުޞަތުތައް ފަހިކުރުމަށް ސެންޓާރާ ލެގޫންއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، މަސައްކަތުގެ މާހައުލަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އާއި ސެންޓާރާ ލެގޫން މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބަރ ސާވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން މި ޖުލައި މަހުގެ 14 ވަނަ ދުވަހު ވެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޑރ. ޢަބްދުﷲ ފައިރޫޝްއެވެ. އަދި ސެންޓާރާ ލެގޫން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސެންޓާރާ މިރާޖް އަދި ގްރާންޑްގެ އެކްޓިންގ ކްލަސްޓަރ ޖެނަރަލް މެނޭޖަރ ހޯރހޭ ފަރނަންޑޭޒްއެވެ.

ޖޫން 2027ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ، އެ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅުވައިދިނުމެވެ. މިގޮތުން، ކެރިއަރ ގައިޑަންސް ދިނުމާއި، ވަޒީފާ ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވަކި ދާއިރާތަކަކަށް އަމާޒުކޮށްގެން ހުނަރު ތަރައްޤީކުރުމުގެ ތަމްރީނުތަކާއި، އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕްގެ ފުރުޞަތުތައް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭ އިންޓާންޝިޕް ޕްރޮގްރާމަކީ އަލަށް ދަސްވެނިވެފައިވާ ފަރާތްތަކަށާއި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން 3 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ހިންގޭނެ ޕްރޮގްރާމެއް ކަމަށާއި، ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން 1 އަހަރު ދުވަހުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް ކުރިއަށްދިއުމަށް ރޭވިފައިވާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލާ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބަލައި ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތު ވެސް ލިބިގެންދާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު