ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ދޫކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ގޯތީގެ ތަފްސީލުތައް ބަލައިލުމަށާއި ގޯތި ހަވާލުކުރިކަމުގެ ލިޔުން ޑައުންލޯޑް ކުރުމަށްޓަކައި އީފާސް މެދުވެރިކޮށް ހިޔާވަހި ޕޯޓަލްއަށް ލޮގިންވުމަށްފަހު، ގޯތި ހަވާލުކުރުމާ ގުޅޭ ބަޔަށް ޒިޔާރަތްކުރަން ޖެހޭނެއެވެ. ޑިޖިޓަލްކޮށް ދޫކުރާ މި ލިޔުމުގައި ގޯތި އޮތް ސަރަހައްދު ޔަގީންކުރުމަށްޓަކައި ކިއުއާރް ކޯޑަކާއި ހާއްސަ ލިންކެއް ހިމެނޭނެއެވެ. އެ ކޯޑު ސްކޭންކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން، މެޕުން ގޯތި އޮތް ތަން ސީދާ ފެންނަން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ނަމަވެސް، މި ލިޔުން ޑައުންލޯޑް ކުރެވޭނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އަލުން ގުރުއަތު ނަގައި، ގޯތީގެ އާ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދުތަކުގައި ހިމެނޭ ގޯތިތަކުގެ ލިޔުންތައް ދޫކުރާނީ އެ ސަރަހައްދެއްގެ މަސައްކަތްތައް މުޅިން ނިމުމުން ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ކުރީގެ ސަރުކާރުން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވަނިކޮށް، މި ސަރުކާރުން ވަނީ އެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ގޯތި ލިބޭ ބިންތައް އަލުން ކަނޑައަޅައި، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.



