Friday, October 23
ބީއެމްއެލް "ސްވައިޕް" އިން ބައިނަލްއަގުވާމީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި
ބޭންކް އޮފް މޯލްޑިވްސް ގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓް ހުޅުވުމާއި، ރާއްޖެއިން ބޭރުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ ގޮތްތައް އަލަށް ތައާރަފްކޮށްފިއެވެ.

މި ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވި ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި، ބީއެމްއެލްގެ ޗެއާޕާސަން އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފެވެ.

"ސްވައިޕް" އަށް ގެނައި މި އާ ބަދަލާއެކު، ޔޫއެސް ޑޮލަރު، ޕައުންޑު އަދި ޔޫރޯ އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ޒުވާނުންނަށް ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ބޭންކުން ސިފަކުރެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ކާޑެއް ބޭނުންކުރުމަކާ ނުލައި ބައިނަލްއަގުވާމީ ފެންވަރުގައި ފައިސާ ދެއްކޭނެ ގޮތް ހެދުމަށް އަލީޕޭ، ވީޗެޓް ޕޭ، މާސްޓަކާޑް އަދި ވިސާ ފަދަ ޕޭމަންޓް ނެޓްވޯކްތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މި ހިދުމަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ލަފާކުރެއްވިއެވެ. އޭގެ އިތުރުން، 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިކޮނޮމީއަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރުމުގައި "ސްވައިޕް" މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

މިހާރުވެސް 20,000 އަށްވުރެ ގިނަ ކަސްޓަމަރުން ބޭނުންކުރަމުންދާ "ސްވައިޕް" ވޮލެޓުން މިހާރު 3,000 އަށްވުރެ ގިނަ ވިޔަފާރިތަކަށް ފައިސާ ދެއްކެއެވެ. މީގެ އިތުރުން، މި ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، ބަލައިގަތުމުގެ އިތުރުން ރާއްޖެއާއި ބޭރުގެ ފަރާތްތަކުގެ މެދުގައި ސީދާ ޕީޓޫޕީ (ޕިއަރ-ޓު-ޕިއަރ) މުއާމަލާތްތައް ވެސް ހިންގޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު