ރާއްޖޭގެ ފުޅާވަމުން އަންނަ ގެސްޓްހައުސް ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ރާއްޖޭގެ ގެސްޓްހައުސްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކުގެ އިތުރުން، ރަށްރަށުގެ ކައުންސިލްތަކުން މި ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ މަގުސަދުގައި ބާއްވާ ގައުމީ ފެންވަރުގެ އެވޯޑެކެވެ. މި އެވޯޑުގެ ތެރެއިން ޚިދުމަތުގެ ފެންވަރާއި، ދިވެހިވަންތަ ތަޖުރިބާތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ އިތުރުން އާ އީޖާދުތަކަށް ބަލައި އެންމެ ރަނގަޅު ފަރާތްތައް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއައިބީން ހާމަކުރި ގޮތުގައި މި ފަހަރު ތިން ދާއިރާއަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކަށް ޚާއްސަ 8 އެވޯޑަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރުދުންގެ އަގުވަޒަންކުރުމަށް ދޭ 3 އެވޯޑެއްގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ބޮޑު އެއްބާރުލުމެއްދޭ ރަށަކަށްދޭ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" ހިމެނެއެވެ.
އެވޯޑަށް އިންސާފުކުރުމުގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން، ގެސްޓްހައުސްތައް ވަނީ ދެ ގިންތިއަކަށް ބަހާލާފައެވެ. އެއީ 3 އާއި 10 އާ ދެމެދުގެ ކޮޓަރި ހުންނަ ގެސްޓްހައުސްތަކާއި (ޓިއަރ 1)، 11 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓްހައުސްތަކެވެ (ޓިއަރ 2).
މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން އެ ފަރާތެއްގެ ކާމިޔާބީތައް ހާމަކޮށްދޭ ލިޔެކިޔުންތަކާއި، ފޮޓޯ، ވީޑިއޯ އަދި ފަތުރުވެރިން ދީފައިވާ ރިވިއުތައް ހުށަހަޅަންޖެހެއެވެ. އެވޯޑަށް ކުރިމަތިލުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ އެމްއައިބީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
އެމްއައިބީން ވަނީ ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަކާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުންހިފާ، އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ދައުވަތު އަރުވާފައެވެ. އެވޯޑާ ގުޅޭ އިތުރު މައުލޫމާތާއި، ފޯމު ހުށަހެޅުމުގެ އިޖުރާއަތްތައް ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.



