ޖަޕާން ސަރުކާރުގެ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" (ޖޭ.ޑީ.އެސް) ގެ ދަށުން 2026 ވަނަ އަހަރަށް ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދިނުމަށްޓަކައި، އެއް މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ވަނީ މިކަމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން (1,020,134 އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމިކޯއެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުންގެންދާ މި އެހީގެ މައިގަނޑު މަޤްޞަދަކީ، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމެވެ. މީގެ އިތުރުން، މުސްތަޤްބަލުގައި ރާއްޖޭގެ އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު، އަދި ޤައުމު އާރާސްތު ކުރުމުގައި މުހިއްމު ރޯލެއް އަދާކުރާނެ ޒުވާނުން ބިނާކުރުން މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ތައުލީމު ހާސިލްކޮށް ދަސްވެނިވެފައިވާއިރު، މިވަގުތުވެސް ޖަޕާނުގެ އެކި ޔުނިވަރސިޓީތަކުގައި ރާއްޖޭގެ 9 ދަރިވަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިނޭންސް، ސިވިލް ސަރވިސް ކޮމިޝަން، ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



