މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ހަރަކާތް އިފްތިތާޙްކުރުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.
މި ޖުލައި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން އިންތިޒާމުކޮށް ކުރިއަށްގެންދިއުމަށްޓަކައި، "ވީރަން މޯލްޑިވްސް" އާއެކު އިއްޔެ ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒް އެވެ. ވީރަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ މެނޭޖަރ ހައްވާ ނީލާ އެވެ.
"މިނިވަން ރަން" އަކީ ސަރުކާރުގެ މުއައްސަސާތަކާއި، ކުލަބް ޖަމްޢިއްޔާތަކުގެ އިތުރުން އާންމު ފަރުދުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މިނިވަން ދުވަހުގެ ރޫހާއި ޤައުމީ އެކުވެރިކަން އާލާކުރުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރުއަޅައި ހަރަކާތްތެރި ދިރިއުޅުމަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
މި ރަސްމިއްޔާތުގެ ތެރެއިން "ވީރަން އެޕް" ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް "މިނިވަން ރަން" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތް ކުރިއަށްގެންދާ ވީރަން މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދުވުމުގެ ތަފާތު ހަރަކާތްތަކާއި މުބާރާތްތައް ކާމިޔާބުކަމާއެކު އިންތިޒާމުކުރަމުން އަންނަ، ހަށިހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ ޚާއްޞަ ޖަމްޢިއްޔާއެކެވެ.



