ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަންނެލި މަސްފެކްޓްރީގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ވަނީ މި ފެކްޓްރީ ނިމޭނެ ތާރީޚަކާ ބެހޭގޮތުންނާއި، ކަންނެލި ކިލޯއެއް 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގަކަށް ގަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދޭނީ ކޮން އިރަކުންތޯ ސުވާލުކުރައްވާފައެވެ. މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ދުވާލަކު 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރެވޭ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މި ފެކްޓްރީ ގާއިމްކުރުމަކީ ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫއެވެ. އަދި މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ.



