މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި، ސަބްސިޑީގެ ގޮތުގައި ބިލިއަނުން ފައިސާ އިސްރާފުކުރުމުގެ ބަދަލުގައި މި ސަރުކާރުން އިސްކަންދެނީ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށެވެ. ރާއްޖޭގައި މިހާރު ދުވާލަކު މަސް ޕްރޮސެސް ކުރެވެނީ 105 ޓަނަށް ވީ ނަމަވެސް، ސަރުކާރުގެ އަމާޒަކީ އެ އަދަދު ދުވާލަކު 300 ޓަނަށް އިތުރުކުރުމެވެ. އެގޮތުން ފެލިވަރުގެ ފެކްޓްރީގެ ކެޕޭސިޓީ ދެގުނަ ބޮޑުކުރުމުގެ އިތުރުން، ފ. ނިލަންދޫ އާއި ގދ. ފިޔޯރީގައި މަސް ޕްރޮސެސް ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މި މަޝްރޫއުތައް ނިމުމުން ރާއްޖެއިން ބޭރަށް ފޮނުވާ މަހުގެ މިންވަރާއި އޭގެއިން ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިންގެ ޖީބަށް ލިބޭ އެއްޗެއް ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރު ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތުން އަމިއްލަ ކުންފުނިތައް ބޭރުވާ ހިސާބަށް ގޮސްފައި އޮތް ނަމަވެސް، ސަރުކާރުގެ އައު ސިޔާސަތުތަކާއެކު މިއަދު ވިޔަފާރީގެ ހެޔޮ މާހައުލެއް އުފެދި، އަމިއްލަ ކުންފުނިތަކާއެކު މުޅި ސިނާއަތް ކުރިއަރަމުންދާ ކަމަށް ވެސް މިނިސްޓަރ އަހުމަދު ޝިޔާމް ފާހަގަކުރެއްވިއެވެ.






