Friday, October 23
"ރައްޔިތުންގެ އަޑު" ޕްރޮގްރާމަށް ނަން ނޯޓުކުރަން ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ދިނުމަށް ނިންމާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، މި ދާއިރާތަކުން ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރަންޖެހޭނީ އެ އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި، ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 ކަމަށްވެސް އެ އޮފީހުން ހާމަކުރެއެވެ.

މީގެ އިތުރުން، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމަށްޓަކައި، ވަކިވަކި ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާއާ ވަކިވަކީން ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާކަންވެސް ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު