Friday, October 23
ފްލެޓާއި ގޯތި ދޭނީ އުސޫލުން، ފައިސާގެ ސްކޭމްތަކުގައި ނުޖެހުމަށް މިނިސްޓަރގެ އިލްތިމާސެއް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބާ މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ދެއްވި ޖަވާބުތަކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި، މިނިސްޓަރ ވަނީ މުހިއްމު މެސެޖެއް ދެއްވާފައެވެ.

މިނިސްޓަރ މި މެސެޖު ދެއްވީ 2023 ވަނަ އަހަރު ފްލެޓާއި ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ބައެއް ފަރާތްތަކުން ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވާތީ، މިފަހަރު ކޮރަޕްޝަނަށް ފުރުސަތު ނުލިބޭނެހެން ކަންކަން ކުރިއަށްދާނެތޯ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން އިމްރާން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޔަގީންކަން ދެއްވި ގޮތުގައި، ފައިސާ ދީގެން ނުވަތަ ވަކި މީހަކާ ގުޅައިގެން ފްލެޓް ނުވަތަ ގޯތި ހޯދުމުގެ އެއްވެސް ފުރުސަތެއް މިހާރު ނޯންނާނެއެވެ. ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެންނާއި، އެކި ކަހަލަ ސްކޭމްތައް ހިންގައިގެން ރައްޔިތުންގެ އަތުން ފައިސާ އަތުލަމުންދާ ކަމަށާއި، އޭގެ ތެރޭގައި ފަނޑިޔާރުންވެސް ހިމެނޭކަން ޚަބަރުތަކުން ފެނިވަޑައިގެންފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ލަނޑުތައް ލިބިގެން އެތައް ބަޔަކު ލައްކަގިނަ ފައިސާ ގެއްލުވާލާފައިވާކަން ފާހަގަކުރައްވައި، އެފަދަ ސްކޭމްތަކުގައި ނުޖެހުމަށް މިނިސްޓަރ ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ. އަދި ފްލެޓާއި ގޯތި ދޫކުރުން ކުރިއަށްދާނީ ހަމައެކަނި ކަނޑައެޅިފައިވާ ރަސްމީ އުސޫލުތަކުގެ ތެރެއިން ކަމަށާއި، ފައިސާއިން އެކަން ކުރެވޭނެ ނަމަ އެޕްލިކޭޝަން ހުޅުވާލުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު