މާލީ ވުޒާރާގެ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ދޫކުރި 1.07 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %16.8 އިތުރުވުމެކެވެ.
ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި މި އަހަރުގެ ބަޖެޓުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.47 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މާލީ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ކައުންސިލްތަކަށް ކަނޑައެޅި 2.1 ބިލިޔަން ރުފިޔާގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ކުރީ އަހަރުވެސް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިހާތަނަށް ކައުންސިލްތަކަށް ފައިސާ ބެހުމުގައި އެންމެ ބޮޑު އިސްކަމެއް ސިޓީ ކައުންސިލްތަކަށް ދީފައިވާއިރު، މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ މާލޭ ސިޓީ ކައުންސިލަށެވެ.
ދައުލަތުގެ އާމްދަނީއަށް ބިނާކޮށް 2020 ވަނަ އަހަރުން ފެށިގެން ޚާއްޞަ ފޯމިއުލާއަކުން ފައިސާ ދޫކުރަމުން އައި ނަމަވެސް، މި ސަރުކާރުން މިހާރު ވަނީ މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. ސަރުކާރުގެ އައު ސިޔާސަތުގެ ދަށުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ހިލޭ އެހީ ދިނުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި ރަށުގެ ބިމުގެ ބޮޑުމިނަށްވެސް ރިއާޔަތްކުރާނެއެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވުމުން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވެގެންދާނެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ބްލޮކް ގްރާންޓުގެ އިތުރުން، ކައުންސިލްތަކަށް އަމިއްލައަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދީ މާލީގޮތުން ބާރުވެރިކުރުވުމެވެ.



