ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައިގެން އެ އިދާރާއިން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އާބާދީގެ ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެކެވެ. ރާއްޖޭގެ އަންދާޒީ ޖުމްލަ އާބާދީ 590,079 ގައި ހުރިއިރު، އޭގެ ތެރެއިން 215,911 އަކީ ބިދޭސީންނެވެ. ޖިންސުގެ ފަރަގަށް ބަލާއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނައީ ފިރިހެނުންނެވެ. އެގޮތުން 174,005 ބިދޭސީ ފިރިހެނުން އުޅޭއިރު، ބިދޭސީ އަންހެނުންގެ އަދަދަކީ 22,019 އެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ މުޅި ފިރިހެން އާބާދީގެ 47 އިންސައްތައެވެ.
ތަފާސްހިސާބުތަކުން އެނގޭގޮތުގައި ބިދޭސީންގެ ބޮޑު އިންސައްތައެއް ދިރިއުޅެނީ ވެރިރަށް މާލޭގައެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ އުމުރުފުރާގެ އެންމެ ގިނަ މީހުންނަކީ ވެސް ބިދޭސީންނަށް ވާއިރު، ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުގައި ދިވެހިންނަށްވުރެ ބިދޭސީންގެ އާބާދީ އިތުރެވެ.
ނުރަސްމީ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާ މީހުން ގިނަ އަދަދަކަށް އުޅޭއިރު، ނޭޕާލް އަދި ފިލިޕީންސް ފަދަ ޤައުމުތަކުން އައިސް މަސައްކަތްކުރާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.



