Friday, October 23
ޢަދާލަތު ޕާޓީން މެލޭޝިއާގެ 20 ސްކޮލަޝިޕަކަށް ފުރުސަތު ހުޅުވާލައިފި

މެލޭޝިއާގެ އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީން 20 ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާތީ، އެ ފުރުސަތުތަކަށް ކުރިމަތިލުމަށް ޢަދާލަތު ޕާޓީގެ ފަރާތުން މިހާރު ވަނީ ހުޅުވާލާފައެވެ. ޢަދާލަތު ޕާޓީން މައުލޫމާތު ދޭ ގޮތުގައި، މި ސްކޮލަޝިޕްތަކަކީ 26 އޮކްޓޫބަރު 2026 ގައި ފަށާ އިންޓޭކުގައި 3 އަހަރު ދުވަހުގެ ޑިގްރީ ކޯސްތަކަށް ކިޔެވުމަށް ދެވޭ ފުރުސަތުތަކެކެވެ.

ޢަދާލަތު ޕާޓީގެ އިޢުލާނުގައިވާ ގޮތުން ތިން ސްކޫލަކުން ޑިގްރީއަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރިއާ ގުޅޭ ދާއިރާތައް ހިމެނޭ ސްކޫލް އޮފް ބިޒްނަސް އާއި، ތަޢުލީމީ، އިޖުތިމާޢީ އަދި އިންސާނީ ސައިންސްގެ ދާއިރާތައް ހިމެނޭ ސްކޫލު އޮފް އެޑިއުކޭޝަން އެންޑް ހިއުމަން ސައިންސްގެ އިތުރުން ކޮމްޕިއުޓަރ ސައިންސް، ޑާޓާ ސައިންސް، އައިޓީ އަދި ސައިބަރ ސެކިއުރިޓީ ހިމެނޭ ސްކޫލު އޮފް ކޮމްޕިއުޓިންގްއެވެ.

މި ސްކޮލަޝިޕަށް ހޮވޭ ކުދިންގެ ވިސާ ފީ، މެލޭޝިޔާ ދަތުރު ޚަރަދު އަދި 1200 ރިންގިޓުގެ ސެކިއުރިޓީ ޑިޕޮޒިޓް ފިޔަވައި ހުރިހާ ޚަރަދެއް ހަމަޖެހިގެންދާނެ ކަމަށް ޢަދާލަތު ޕާޓީން ބުނެއެވެ. މި ފުރުސަތަށް ޝަރުތުހަމަވަނީ އުމުރުން 17 އަހަރާއި 23 އަހަރާ ދެމެދުގެ ކައިވެނިނުކޮށް ތިބި ކުދިންނަށެވެ. އަދި ގްރޭޑް 12 ނިންމާފައިވުމާއެކު ދަށްވެގެން ސީ.ޖީ.ޕީ.އޭ 2.8 ލިބިފައިވާންޖެހޭއިރު، ކޮމްޕިއުޓަރ ނުވަތަ ޑާޓާ ސައިންސްގެ ދާއިރާއިން ނަމަ ދަށްވެގެން ސީ.ޖީ.ޕީ.އޭ 3.0 ލިބިފައިވާންޖެހެއެވެ. މީގެ އިތުރުން މިވަގުތު މަތީ ތައުލީމު ހާސިލުކުރަމުންދާ ކުއްޖަކަށް ނުވުމާއި، އައިއެލްޓީއެސް ނުވަތަ ޓޯފުލް ހަދާފައިވުން ހިމެނެއެވެ. ޕާޓީން ބުނިގޮތުގައި މާލީ ފުދުންތެރިކަން ދަށް ކުދިންނަށް މި ސްކޮލަޝިޕްގައި އިސްކަންދެވޭނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ، ސީވީ، އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ އިތުރުން ބެލެނިވެރިންގެ އާމްދަނީ ބަޔާންކޮށްދޭ ލިޔުންތައް 25 ޖުލައި 2026 ގެ ކުރިން admin@adhaalath.org.mv އަށް އީމެއިލް ކުރަންޖެހޭނެ ކަމަށް ޢަދާލަތު ޕާޓީން ހަމަކުރިއެވެ. އަދި ޔުނިވަރސިޓީގެ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން (https://aiu.edu.my) ލިބެންހުންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު