މި ދައުވާގައި ހިމެނޭ އެޕަލްގެ ކުރީގެ ދެ މުވައްޒަފުންނަކީ ސީނިއާ ސިސްޓަމް އިލެކްޓްރިކަލް އިންޖިނިއަރެއްގެ މަގާމުގައި ހުރި ޗޭންގް ލިއު އާއި، މިހާރު އޯޕަންއޭއައިގެ ޗީފް ހާޑްވެއާ އޮފިސަރަކަށް ހުރި އެޕަލްގެ ކުރީގެ ވީޕީ ޓޭންގް ޔޫ ޓޭންއެވެ. އެޕަލް އިން ތުހުމަތުކުރާ ގޮތުގައި ޗޭންގް ލިއު ވަނީ ކުންފުނިން ވަކިވުމުގެ ކުރިން ނުނެރެ ހުރި އުފެއްދުންތަކުގެ ތަފްސީލީ މައުލޫމާތާއި އިންޖިނިއަރިން ޕްރެޒެންޓޭޝަންތައް ހިމެނޭ ގިނަ އަދަދެއްގެ ސިއްރު ފައިލްތައް ޑައުންލޯޑްކޮށްފައެވެ. އަދި ޓޭންގް ޔޫ ޓޭން ވަނީ އެޕަލްގައި މަސައްކަތްކުރާ މުވައްޒަފުން އޯޕަންއޭއައިގެ ވަޒީފާގެ އިންޓަވިއުތަކަށް ދާއިރު އެޕަލްގެ "އަސްލު ބައިތައް" ހިފައިގެން ދިއުމަށް ބާރުއަޅައި، އެ ތަކެތި ބޭނުންކޮށްގެން ސިއްރުތައް ހޯދާފައެވެ.
މީގެ އިތުރުން އެޕަލްގެ 400 އަށްވުރެ ގިނަ ކުރީގެ މުވައްޒަފުން މިހާރު އޯޕަންއޭއައިގައި މަސައްކަތް ކުރަމުންދާއިރު، އޯޕަންއޭއައިގެ ވަޒީފާގެ އިންޓަވިއުތައް ބައްޓަންކޮށްފައިވަނީ ވެސް އެޕަލްގެ ސިއްރު މައުލޫމާތުތައް އަތުލެވޭނެ ގޮތަކަށް ކަމަށް އެޕަލް އިން ތުހުމަތުކުރެއެވެ. މިކަމާ ގުޅިގެން އޯޕަންއޭއައި އަށް އެޕަލް އިން ކުރިން މުއާމަލާތް ކުރުމުން އެއްވެސް ޖަވާބެއް ދީފައި ނުވި ނަމަވެސް، އޯޕަންއޭއައިގެ ޑިރެކްޓާ އޮފް ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޑްރޫ ޕުސަޓޭރީ ވަނީ އެހެން ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތަކަށް އެ ކުންފުނީގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މި ބޮޑު ގާނޫނީ ހަމަނުޖެހުން ހިނގަމުންދާއިރު، އެޕަލް އިން ވަނީ މިހާރު ފޯނުތަކުގައި ބޭނުންކުރާ "އެޕަލް އިންޓެލިޖެންސް" ގެ ތެރެއިން ޗެޓްޖީޕީޓީ ބޭނުންކުރުމަށް އޯޕަންއޭއައި އާއެކު ހަދާފައިވާ ޕާޓްނާޝިޕް އެއްބަސްވުމާ މި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސާފުކޮށްދީފައެވެ.






