Saturday, October 31
ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ދުރުވިސްނޭ ހިކުމަތްތެރި ލީޑަޝިޕްގެ ދަށުން ޤަޠަރަކީ ބައިނަލްއަޤުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ ކުރިއަރާފައިވާ ޤައުމަކަށް ބަދަލުކޮށްދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ހިކުމަތްތެރިކަމާއި، ރައްޔިތުންގެ ލާބައަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކާއި، ޢަރަބި އަދި އިސްލާމީ އުންމަތުގެ ކުރިއެރުމަށް ދެއްވި އަހަންމިއްޔަތުކަމީ އަންނަން އޮތް ޖީލުތަކުން އަބަދުވެސް ހަނދާން އާކުރާނެ ނަމޫނާ މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ސުލްހަމަސަލަސްކަމާއި ތަރައްޤީއަށްޓަކައި އެމަނިކުފާނު ދޫކުރެއްވި ތަރިކައަކީ މުސްތަޤުބަލުގެ ޖީލުތަކަށް ލިބިގެންދާނެ ބޮޑު ހިތްވަރެއްކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ ވެދެއްވި ދީލަތި އެހީތެރިކަމާއި ޚިދުމަތްތައް ރައީސްގެ މެސެޖުގައި ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ޤަޠަރު އެއާވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި، ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލާއި، މާލޭގައި ހުންނަ މަސްޖިދުއްޝައިޚް ޤާސިމް ބިން އަލްޘާނީ ފަދަ މުހިންމު ބިނާތައް ބިނާކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރަކީ ދިވެހި ރައްޔިތުންނަށް އޭގެ މަންފާ މިއަދުވެސް ލިބެމުންދާ މުހިންމު ޚިދުމަތްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ޤަޠަރުގެ އަމީރު ޝައިޚް ތަމީމަށާއި، އެޤައުމުގެ ޝާހީ އާއިލާއަށާއި، އަދި އަޚުވެރި ޤަޠަރުގެ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ދާއިމީ ރަޙުމަތާއި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުމަށާއި، މި ބޮޑު ހިތާމައިގައި ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު