Friday, October 23
ޕީއެންސީ އިންތިޚާބު: ހުޅުމާލޭގެ މަރުކަޒެއްގައި ބޮޑު މާރާމާރީއެއް ހިންގައިފި
ޕީއެންސީ ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމުނު ފަހުން، ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައި ބޮޑު ހަމަނުޖެހުމަކާއި މާރާމާރީއެއް ހިންގައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ސްކޫލްގައެވެ. މައުލޫމާތު ލިބޭގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސައިންބެ) ގޭންގެއް ގޮވައިގެން އެ ތަނަށް އައުމާ ގުޅިގެންނެވެ. އަދި އޭނާއާއެކު އައި ގްރޫޕުން ވަނީ އެ ތަނުގައި ތިބި ޕީއެންސީގެ މަޖިލިސް މެންބަރަކަށާއި، ގްރާސްރޫޓްގެ ބައެއް އެކްޓިވިސްޓުންގެ އިތުރުން އެ ސަރަހައްދުގައި ތިބި ފުލުހުންނަށްވެސް ހަމަލާދީފައެވެ.

މި ކުރިމަތިލުމުގައި ދެ ގްރޫޕެއްގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، މީހުންގެ ގައިގާ އަތްލައި މާރާމާރީ ހިންގާފައިވާއިރު، އެކަކު އަނެކަކާ ދިމާލަށް ގޮނޑި އުކާފައިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ދެ ފުލުހަކު މަސްލަހަތު ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ހަމަނުޖެހުން ކުރިއަށްދިޔައެވެ.

މި ހަމަނުޖެހުން ހިނގާފައި މިވަނީ، މުޅި ރާއްޖޭގައިވެސް އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކޮށް އަދި ސުލުހަވެރިކަމާއެކު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނިކޮށެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން މި މައްސަލަ ތަހުގީގު ކުރާ ކަމަށް ހާމަކޮއްފައިވެއެވެ. ޕީއެންސީގެ އެކި ދާއިރާތަކުގެ މަގާމުތަކަށް 2،000 އަށްވުރެ ގިނަ މީހުން ހޮވުމަށް ބޭއްވި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު