ޢުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި، ޞިއްޙީ އޮނިގަނޑުތައް ދަމަހައްޓައި އެ އާބާދީއަށް އެއްބާރުލުންދިނުމަށްޓަކައި، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާއިރު، ޤައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށްވެސް ތައްޔާރުވާންޖެހޭ ކަމަށެވެ. އެގޮތުން، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައި، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަން ފަސްކުރެވި، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި 'ކެއަރ އިކޮނޮމީ' ގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިފަދަ ވުނަކުރުމެއްގެ ސަބަބުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ އާއި އިޖުތިމާޢީ އެއްބާރުލުން ކަށަވަރުވާނެއެވެ. އަދި އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް ޢާއިލާތަކަށް، ވަކީން ޚާއްޞަކޮށް އަންހެނުންނަށް އޮންނަ ބުރަ ލުއިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިފަދައިން މީހުންނަށް އަޅައިލުމުގެ ޚިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރުވުމުގެ ފުރުޞަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނެ،" ރައީސްގެ މެސެޖުގައިވެއެވެ.
ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނަށް ބަރޯސާވާ ކަމެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެއީ ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުންކަމަށް ވާތީ، އެ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް 'މޯލްޑިވްސް 2.0' ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ތަފާސްހިސާބުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. އެގޮތުން 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވާނީ އިދާރީ ދަފުތަރުތަކާއި އާދަކާދަވެގެން ގެންގުޅޭ އުސްލޫބުތައް އެކުލެވޭ 'ހައިބްރިޑް' އުސޫލަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވިއެވެ.



