ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި 2026 އިން 2030 ގެ ދައުރަށް އިންތިޚާބުވެވަޑައިގެންފިއެވެ.
މި އިންތިޚާބު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާރތުގައި ހުންނަ މަރޑޮކް ޔުނިވަރސިޓީގައި މި މަހުގެ 5 ވަނަ ދުވަހު ކުރިއަށްދިޔަ އައިއޭޔޫގެ 17 ވަނަ ޖެނެރަލް ކޮންފަރެންސްގެ ހަވާސާގައެވެ.
އެމްއެންޔޫއިން ބުނީ، މިއީ އެ ޔުނިވަރސިޓީއަށާއި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ބައިނަލްއަޤްވާމީ ޝަރަފެއް ކަމަށެވެ. މީގެ ސަބަބުން މަތީ ތަޢުލީމުގެ މުސްތަޤުބަލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ބައިވެރިވުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ތަޖުރިބާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މުހިންމު ފުރުޞަތެއް ފަހިވާނެ ކަމަށްވެސް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.
މި ކާމިޔާބީއާ ގުޅިގެން ޑރ. ޝެހެނާޒް ވިދާޅުވީ، އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ނުހަނު ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމަށެވެ. އަދި މި ޒިންމާއާ ހަވާލުވެވަޑައިގަންނަވަނީ އިޚްލާޞްތެރިކަމަކާއެކު އައިއޭޔޫގެ މަސައްކަތްތަކަށް މާނަހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގެ އަޒުމުގައި ކަމަށް ވިދާޅުވިއެވެ.
ޑރ. ޝެހެނާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ އެއްބާރުލުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން ރާއްޖެއިންވެސް ހިއްސާކުރެވޭނެ އަގުހުރި ތަޖުރިބާތަކެއް އެބަހުރި ކަމަށާއި، އެންމެން ގުޅިގެން ބައިވެރިވުން ހިމެނޭ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އައިއޭޔޫއަކީ 1950 ވަނަ އަހަރު ޔުނެސްކޯގެ ބެލުމުގެ ދަށުން އުފެއްދި ޖަމްޢިއްޔާއެކެވެ. ދުނިޔޭގެ 120 އަށްވުރެ ގިނަ ޤައުމަކުން ގާތްގަނޑަކަށް 600 މަތީ ތަޢުލީމު ދޭ މުއައްސަސާތައް ތަމްސީލުކުރާ މުހިންމު ޕްލެޓްފޯމެކެވެ. އެޑްމިނިސްޓްރޭޓިވް ބޯޑަކީ ޖަމްޢިއްޔާ ހިންގުމާއި ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުމުގައި އިސްދައުރެއް އަދާކުރާ ބޯޑެވެ.






