ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ދާއިރާތަކުގެ އެތެރޭގެ ބޮޑު އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ވަނީ ފަށާފައެވެ. މި ވޯޓުލުމުގެ ކަންކަން ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފަތުހީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޖުމްލަ 130 ރަށެއްގެ ދާއިރާގައި ކުރިއަށްދާ މި އިންތިހާބުގައި، އެކިއެކި ރަށު ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ މަގާމުތަކަށް 2،500 އަށްވުރެ ގިނަ ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ ހަމައެކަނި ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަނި ކަމަށްވާއިރު، އީސީން ވަނީ މި މަހުގެ ހަ ވަނަ ދުވަހު ވޯޓާސް ލިސްޓާއި ކުރިމަތިލީ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށްފައެވެ. އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާގެ ރައީސުންނާއި، ނައިބު ރައީސުންނާއި، އަންހެނުންގެ އަދި ޒުވާނުންގެ ހަރަކާތްތަކުގެ ރައީސުންގެ އިތުރުން ސްޓިއަރައިން ކޮމިޓީގެ މެންބަރުން ހިމެނެއެވެ. މީގެ ތެރެއިން ދާއިރާގެ ރައީސުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނީ ޕީއެންސީ ތަމްސީލްކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކުގައި އެކަންޏެވެ. ސަބަބަކީ މަޖިލިސް މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންގެ މަގާމު އޮޓޮމެޓިކުން އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާތީއެވެ.



