ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ 10.4 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް 13.0 އިންސައްތަ މަތިވެފައެވެ. ވިޔަފާރީގެ ހަރަކާތްތައް ފުޅާވުމާއި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑި މި މުއްދަތާ ދިމާވުމުން، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 6.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 9.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާއާއި، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ޖުމްލަ ހަރަދުތައް ވަނީ 23.4 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. މިއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 21.7 އިންސައްތައިގެ އިތުރުވުމެކެވެ. ހަރަދު ބޮޑުވާން ދިމާވި މައިގަނޑު ސަބަބަކީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުމެވެ. އެގޮތުން މުސާރައާއި އުޖޫރައަށް އެކަނިވެސް 3.7 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މުސާރައާއި ޕެންޝަނަށް ކުރި ޖުމްލަ ހަރަދު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން، އަސާސީ ހިދުމަތްތަކާއި ތަކެތީގެ އަގު ހިފެހެއްޓުމަށް ދިން ސަބްސިޑީއަށް 1.4 ބިލިއަން ރުފިޔާ ހަރަދުވިއެވެ. މި މުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 20.3 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ކެޕިޓަލް ހަރަދު ވަނީ 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ހަރަދުތައް މަތިވި ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓް ނުހިމަނައި ދައުލަތަށް ލިބޭ އާމްދަނީން އާންމު ހަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ 'ޕްރައިމަރީ ސާޕްލަސް' ގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. ނަމަވެސް، ހުރިހާ ހަރަދެއް އެއްކޮށްލުމުން ބަޖެޓުގެ ޖުމްލަ ބެލެންސް ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ.



