ޤުރުއާނުގެ އާޔަތްތަކާމެދު ފުންކޮށް ވިސްނާ ތަދައްބުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެ، އެބައިމީހުންނަށް ޓަކައި ހެޔޮދުޢާ ކުރައްވައި، ޝައިޠާނާގެ ނުބައިކަމާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެއެވެ. ހަމައެހެންމެ، މާތް ﷲގެ ތަނަވަސްވެގެންވާ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެކަލާނގެ އެބައިމީހުންނަށް މިންވަރު ކުރައްވާނެއެވެ. ޤުރުއާން ކިޔެވުމަކީ މުސްލިމުންގެ ހިތްވަރާއި ހީވާގިކަން އާލާކޮށްދީ، އިންސާނާގެ ތަޞައްވުރަށްވުރެ ބޮޑެތި ކަންކަން ޙާޞިލުކުރުމުގެ ބާރާއި ޤާބިލުކަން ލިއްބައިދޭ، މާތް ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް އޮތް އެންމެ މަތިވެރި އަޅުކަމެވެ.
ކީރިތި ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެއްކަން ފާހަގަކުރައްވަމުން ޚުތުބާގައި އިތުރަށް ވިދާޅުވީ، އިޚްލާޞްތެރިކަމާއެކު އެ ފޮތް ކިޔަވާ ކޮންމެ މީހަކަށްމެ އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބިގެންދާނެ ކަމަށެވެ. އެއީ ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއް ކަމުގައިވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާއެކު ކިޔަވަން މަސައްކަތްކުރާ މީހެއް ކަމުގައިވިޔަސް އެ މީހަކަށް އެ ހެޔޮކަން ލިބޭނެއެވެ.






