އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަނީ ކެންސަރު ބައްޔަށް ކަމަށް ހެލްތު މިނިސްޓަރ ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ސުވާލު ވަގުތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބޭސްފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، 2023 ވަނަ އަހަރާ އަޅައިބަލާއިރު 2025 ވަނަ އަހަރު އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ރެފާކުރި މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އެގޮތުން ކެންސަރު ބަލީގެ ފަރުވާތައް އުނިކުރުމަށްފަހު ބަލައިފިނަމަ، ބޭރަށް ފޮނުވި މީހުންގެ އަދަދު 2023 އާ އަޅައިބަލާއިރު 2025 ގައި 821 މީހުން މަދުވެފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް، ކެންސަރު ބައްޔަށް ބޭރަށް ފޮނުވާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ، ޖުމްލަ ތަފާތުން އެކަން އެހާ ބޮޑަށް ފާހަގައެއް ނުވެއެވެ. 2025 ވަނަ އަހަރު އެކަނިވެސް 483 މީހުން ކެންސަރުގެ ފަރުވާއަށް ބޭރަށް ފޮނުވާފައިވެއެވެ.
ރާއްޖޭގައި ކެންސަރު ބަލި ދެނެގަތުމާއި ފަރުވާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، އުރަމަތީގެ ކެންސަރު ތަހުލީލުކުރުމަށް މާލޭގެ އިތުރުން ރާއްޖޭގެ 7 ހޮސްޕިޓަލެއްގައި މިހާރު މެމޯގްރަޕީގެ ޚިދުމަތް ދެމުންދާ ކަމަށާއި، އިތުރު 3 އަތޮޅު ހޮސްޕިޓަލެއްގައި މި ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. މީގެއިތުރުން، ކެންސަރަށް ފަރުވާ ދިނުމަށް ޚާއްސަ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 2028 ވަނަ އަހަރުގެ ކުރިން އެ ހޮސްޕިޓަލުން އަސާސީ ފަރުވާ ދޭން ފެށޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



