Friday, November 6
ސަރަހައްދީ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރަނީ

މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ސާކް ގައުމުތަކުގެ މެދުގައި ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ސަރަޙައްދީ އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބްއެވެ.

މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، ޤާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް އަދި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ތިމާވެށީގެ ނިޒާމުތައް ހަލާކުވުން ފަދަ އާންމުކޮށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރަޙައްދީ ގުޅިފައިވާ މަގުޗާޓެއް އެކުލަވާލުމަށް ޚިޔާލު ބަދަލުކުރުމަށެވެ.

އަދި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި، މާކެޓަށް ވަނުމުގެ ފުރުސަތުތަކާއި، ކާބޯތަކެތީގެ ޔަޤީންކަމާއި ބެހޭގޮތުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް،ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް އިންތިހާއަށް ބޭނުންވެފައިވާކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކަށް ޚާއްޞަކޮށްގެން ކޮންމެ ޤައުމަކަށް ޚާއްޞަ އެކްޝަން ޕްލޭންތަކެއް އެކުލަވާލުމާއެކު، މައިގަނޑު ގޮންޖެހުންތަކާއި ސްޓްރެޓީޖިކް ލަފާތައް ހިމެނޭ ސަރަޙައްދީ ރިޕޯޓެއް އެކުލަވާލުމުގެ ބިންގާ ވަނީ އަޅާފައެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް އެންމެންގެ ނިންމުމެއް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު