ތައިލެންޑުގައި ބޭއްވި "2026 އޭޝިއާ އެން.ޑީ.އީ އަދި އެން.ޑީ.އީ-އެން.ޑީ.އޭ ކޯޑިނޭޝަން ފޯރަމް" ގައި ރާއްޖެއިން ބައިވެރިވެވަޑައިގެންފިއެވެ.
ޖުލައި މަހުގެ 7 އިން 10 އަށް ކުރިއަށްދިޔަ މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު އަބްދުﷲ އާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ 'ނޭޝަނަލް ޑެސިގްނޭޓެޑް އެންޓިޓީސް' (އެން.ޑީ.އީ) އަދި 'ނޭޝަނަލް ޑެސިގްނޭޓެޑް އޮތޯރިޓީސް' (އެން.ޑީ.އޭ) ތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ހަކަތައިގެ ނިޒާމު ބަދަލުކުރުމާއި، އަލަށް ތައާރަފްވަމުންދާ ހަކަތައިގެ ޓެކްނޮލޮޖީތަކާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާ ބެހޭގޮތުންނެވެ.
މީގެ އިތުރުން މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި އިދާރީ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ.



