ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ތިން ފަނޑިޔާރުން އައްޔަންކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިޢުލާނާ ގުޅިގެން، އެ މަޤާމަށް 42 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ޖޫން 21 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވެފައިވަނީ މި މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.
ސިވިލް ކޯޓުގެ ޤާޟީއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 18،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސްގެ ގޮތުގައި 1،000ރ. ލިބޭނެއެވެ.
ސިވިލް ކޯޓުގެ ޤާޟީ ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހުންނަށެވެ. އަދި އެ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ތިންއަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.



