މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އައު އުސޫލުގެ ދަށުން ބަނދަރަށް ކައިރިކުރަން ކިޔޫ ނަންބަރު ހޯދުމަށްފަހު 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތަކަށް މަޑުކުރަން ޖެހެއެވެ. މީގެ ސަބަބުން ކުރިން މަހަކު ދެތިން ދަތުރުކުރާ ބޯޓުތަކަށް މިހާރު ކުރެވެނީ އެންމެ ދަތުރެކެވެ. މީގެ އިތުރުން، މާލޭ ބޭރުމަގު ފުޅާކުރުމުގެ މަޝްރޫއާ އެކު ބޯޓުފަހަރު އަޅާނެ ޖާގަ ކުޑަވެ، ބައެއް ޒޯންތަކުން ބޮޑު ފީއެއް ނަގާއިރުވެސް ކަރަންޓާއި ފެނުގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އޮޑިވެރިން ކުރެއެވެ. މިކަމުގެ ސަބަބުން އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެ، ރަށްރަށަށް މުދާ ފޯރުކޮށްދިނުމަށް ވަނީ ބުރޫއަރާފައެވެ.
އެމްޕީއެލްއިން މިދިޔަ މާރިޗު މަހުގެ 14 ގައި އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން، ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިންމުމުން އުޅަނދުތައް ކިޔޫގައި ނޯޓުކުރެވެއެވެ. ނަމަވެސް، ޖާގަ ލިބިގެން ގުޅުމުން ދެ ގަޑިއިރު ތެރޭގައި ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދީފިނަމަ، އެ އުޅަނދެއް ވަގުތީގޮތުން ކިޔޫއިން ހޯލްޑް ކުރެއެވެ. އަދި އަލުން ކިޔޫއަށް ވަދެވޭނީ އަމިއްލައަށް ގުޅައިގެން އަންހޯލްޑް ކުރުމުންނެވެ. މިގޮތަށް ގުޅުމުންވެސް ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ފުރުސަތު ފަސްކޮށްދޭނީ ގިނަވެގެން ތިން ފަހަރު ކަމަށާއި، ހަތަރުވަނަ ފަހަރު ކިޔޫ ކެންސަލްވާނެ ކަމަށް އެމްޕީއެލްގެ އުސޫލުގައިވެއެވެ. މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކުޑޫ ވަނީ އެމްޕީއެލްގެ މެނޭޖްމަންޓް މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.






