Friday, October 23
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މައުލޫމާތު ދިނުމަށް މިނިސްޓްރީން 4 ވައިބާ ކޮމިއުނިޓީއެއް އުފައްދައިފި
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ އިއުލާނުތަކާއި އަދާހަމަތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާއްސަ ވައިބާ ކޮމިއުނިޓީތަކެއް އުފައްދައިފިއެވެ.

އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޖުމްލަ ހަތަރު ވައިބާ ކޮމިއުނިޓީއެއް ވަނީ ހުޅުވާލާފައެވެ. މީގެ ތެރެއިން ތިން ކޮމިއުނިޓީއެއް ހާއްސަކޮށްފައިވަނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް "ބިންވެރިޔާ ހުޅުމާލެ" ވައިބާ ކޮމިއުނިޓީ ހާއްސަކޮށްފައިވާއިރު، ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް "ބިންވެރިޔާ ގުޅީފަޅު" އަދި ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް "ބިންވެރިޔާ ގިރާވަރުފަޅު" ގެ ނަމުގައި ވަނީ ގުރޫޕުތަކެއް ހަދާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭ އާންމު މައުލޫމާތުތައް ހިއްސާކުރުމަށް "ބޯހިޔާވަހިކަން އެންމެންނަށް" ގެ ނަމުގައިވެސް ވަނީ ވަކި ވައިބާ ކޮމިއުނިޓީ ގުރޫޕެއް އުފައްދާފައެވެ.

މި ސަރުކާރުން ބޯހިޔާވަހިކަމާއި ބިމުގެ ފުރުސަތުތަކަށް ހުޅުވާލި މަޝްރޫއުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިހާތަނަށް 50،000 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. މި އުފެއްދި ގުރޫޕްތަކުގެ ސަބަބުން މަޝްރޫއުތަކުގެ ކުރިއެރުމާއި ގުޅޭ ރަސްމީ މައުލޫމާތު ރައްޔިތުންނަށް ވަގުތުން ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު