Friday, November 6
ކްރިމިނަލް ކޯޓަށް ތިން ޤާޟީއަކު ހޯދަނީ

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓަށް ތިން ޤާޟީން ހޯދުމަށް ބޭނުންވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ޤާޟީއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 18،000ރ. ލިބޭނެއެވެ. މީގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000ރ. ލިބޭނެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހުންނަށެވެ. އަދި އެ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ތިންއަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ 16 ޖުލައި 2026 ގެ 12:00 ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު