ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ސައުތު ޕެސިފިކް (ދެކުނު ޕެސިފިކް) ސަރަހައްދަށް، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލެއް ޓެސްޓް ކުރުމަށް ޗައިނާއިން ތައްޔާރުވަމުންދާ ކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ޓެސްޓުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޑަމީ ވޯހެޑެއް ކަމަށާއި، މިކަމާ ގުޅޭ މައުލޫމާތު އެ ސަރަހައްދުގެ ޑިޕްލޮމޭޓުންނަށް މިހާރު ދީފައިވާ ކަމަށް ހޯމަ ދުވަހު ނޫސްތަކުން ވަނީ ބުނެފައެވެ.
މި ރިޕޯޓްތައް ބޭރުވެފައި މިވަނީ، އޮސްޓްރޭލިއާއާއި ފިޖީއާ ދެމެދު ދިފާއީ ބޮޑު އިއްތިހާދެއްގައި ސޮއިކުރިތާ މާގިނައިރެއް ނުވަނީހެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުން ކުރެ ގައުމަކަށް ހަމަލާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި، އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އިގުރާރުވެފައެވެ. އޮސްޓްރޭލިއާގެ މަޝްހޫރު ނޫސްތަކެއް ކަމަށްވާ "ދަ ސިޑްނީ މޯނިންގް ހެރަލ ޑް" އަދި "ދަ އޮސްޓްރޭލިއަން" އިން ބުނާ ގޮތުގައި، މި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) ޓެސްޓާ ބެހޭގޮތުން ޗައިނާގެ އޮފިޝަލުން ވަނީ އޮސްޓްރޭލިއާ ހިމެނޭހެން އެ ސަރަހައްދުގެ ސަރުކާރުތަކަށް ރަސްމީކޮށް އަންގާފައެވެ.
ނިއުޒީލެންޑްގެ އުޅަނދުތައް ޓްރެކްކުރާ ކުންފުންޏެއް ކަމަށްވާ "ސްޓާބޯޑް މެރިޓައިމް އިންޓެލިޖެންސް" އިން ހާމަކޮށްފައިވާ ގޮތުގައި، ސެޓެލައިޓް މެދުވެރިކޮށް މައުލޫމާތު އެއްކުރާ ޗައިނާގެ ތިން އުޅަނދެއް މިހާރު ވަނީ ޕެސިފިކް ކަނޑުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ. މީގެ ތެރެއިން ދެ އުޅަނދެއް ފެޑެރޭޓަޑް ސްޓޭޓްސް އޮފް މައިކްރޮނޭޝިއާ ކައިރީގައި އޮތްއިރު، ތިންވަނަ އުޅަނދު އޮތީ ފިޖީގެ ވެރިރަށް ސުވާގެ ބަނދަރުގައެވެ.
ސްޓާބޯޑްގެ އެނަލިސްޓް މާކް ޑަގްލަސް ވިދާޅުވި ގޮތުގައި، "މި އުޅަނދުތަކުގައި މިސައިލް އުދުއްސާލުމާއި ހަވާއާ ގުޅުންހުރި އެހެނިހެން ހަރަކާތްތައް ބެލުމަށް ބޭނުންކުރާ ބޮޑެތި ސެޓެލައިޓް ޑިޝްތައް ހުރޭ." އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އުޅަނދުތައް މިހާރު އެތިބަ ސަރަހައްދުތަކަށް ބަލާއިރު، މިއީ 24 ގަޑިއިރު ތެރޭގައި ކުރަން އުޅޭ މިސައިލް ޓެސްޓުގެ މައުލޫމާތު އެއްކުރުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ.
ޗައިނާއިން އެންމެ ފަހުން އައި.ސީ.ބީ.އެމް އެއް ޓެސްޓްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ އެގައުމުގެ އަސްކަރީ ގާބިލުކަން އިތުރުވަމުންދާ މިންވަރު ހާމަކޮށްދޭ، މަދުން ނޫނީ ނުފެންނަ ފަދަ ހަރަކާތެކެވެ. މިކަމާ ގުޅޭގޮތުން އޮސްޓްރޭލިއާގައި ހުންނަ ޗައިނާ އެމްބަސީން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މާކް ޑަގްލަސް ވިދާޅުވި ގޮތުގައި މި ޓެސްޓަކީ މާކުރިންވެސް ރޭވިގެން ހިނގާ ކަމެއް ނަމަވެސް، އޮސްޓްރޭލިއާއާއި ފިޖީން 'އޯޝަން އޮފް ޕީސް އެލަޔަންސް' އެއްބަސްވުމުގައި ސޮއިކުރިތާ އަނެއްދުވަހު މިކަމުގެ ނޯޓިސް ލިބުމަކީ ސަރަހައްދީ ސިޔާސީ މަސްރަހަށް ބަލާއިރު ޝައުގުވެރި ކަމެކެވެ.


