އެމެރިކާގެ 250 ވަނަ މިނިވަންދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެމްޕޭން ޖަލްސާއެއްގެ ސިފަ އެކުލެވޭ ފަދަ ޚާއްސަ ތަގުރީރެއް ކުރައްވާފައެވެ.
ބާރުގަދަ ތޫފާނެއްގެ ސަބަބުން ގާތްގަނޑަކަށް ދެ ގަޑިއިރުގެ ލަސްވުމަކަށްފަހު، ވޮޝިންގްޓަންގެ ނޭޝަނަލް މޯލްއަށް ޓްރަމްޕް ވަޑައިގެން ދެއްވި ތަގުރީރުގައި، ގައުމީ ލޯތްބާއި ގައުމު ބިނާކުރުމުގެ ވާހަކަތަކުގެ އިތުރުން، އެތެރެއާއި ބޭރުން ގައުމުގެ ފިކުރަށް ހުރި ކަމަށް އޭނާ ދެކޭ ނުރައްކާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މި ތަގުރީރުގައި ޓްރަމްޕް ވަނީ ވޯޓުލުމުގެ ނިޒާމަށް އައު ހުރަސްތަކެއް ނުވަތަ ގަވާއިދުތަކެއް ކަނޑައެޅުމަށް ގޮވާލައްވައި، ގައުމުގައި "ކޮމިއުނިސްޓުން" ބާރުގަދަކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޚާއްސަކޮށް މެއިލް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ހަނިކުރުމަށާއި، ވޯޓުލާން ރަޖިސްޓްރީވާއިރު ރައްޔިތެއްކަން އަންގައިދޭ ހެކި ހުށަހެޅުން މަޖުބޫރުކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި ހުއްޓިފައިވާ ބިލް ފާސްކުރުމަށް ކޮންގްރެސްއަށް ބާރުއެޅުއްވިއެވެ. މީގެ އިތުރުން އޭނާގެ ވެރިކަމުގެ ކާމިޔާބީތައް ފާހަގަކުރައްވައި އީރާނުގެ ސިފައިންގެ ބާރު އޭނާ "ފުނޑާލާފައިވާ" ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕްގެ ތަގުރީރުގައި އެމެރިކާގައި ކޮމިއުނިޒަމް ފެތުރެމުންދާތީ އެކަމާ މެދު ސަމާލުވުމަށް ވަރުގަދަ އިންޒާރެއް ދެއްވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ އެފަދަ ނުރައްކަލެއް ފެށުމުގެ ކުރިންވެސް ވަގުތުން ހުއްޓުވަން. އެއީ ކެންސަރު ފަދަ އެއްޗެއް އެ ކަނޑާލަންޖެހޭނެ، އަދި ވަރަށް އަވަހަށް ކަނޑާލަންޖެހޭނެ،" ޓްރަމްޕް ވިދާޅުވިއެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ރައީސް ޓްރަމްޕް މީގެ ކުރިންވެސް ޑިމޮކްރެޓިކް ޕާޓީގެ ވާތުފިޔައިގެ ކެންޑިޑޭޓުންނަކީ "ކޮމިއުނިސްޓުން" ކަމަށް ސިފަކުރައްވާފައިވީ ނަމަވެސް މި ތަގުރީރުގައި ސީދާ އެއްވެސް ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެއެވެ.
ޓްރަމްޕްގެ މި އަމަލަކީ އެމެރިކާގެ ރައީސުން އާންމުކޮށް އަމަލުކުރާ އުސޫލުތަކާ ޚިލާފު ކަމެކެވެ. އާންމުގޮތެއްގައި ޖުލައި 4 ގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ރައީސުން ސިޔާސީ ވާހަކަދެއްކެވުމުން ދުރުހެލިވެވަޑައިގަންނަވައެވެ. ނަމަވެސް، ޓްރަމްޕް ވަނީ ރަސްމީ މުނާސަބަތުތަކާއި ސިޔާސީ ކެމްޕޭންތަކުގެ ދެމެދުގައި އެމެރިކާގައި އާންމުކޮށް އޮންނަ ތަފާތު ނެތިކޮށްލާފައެވެ. 1951 ވަނަ އަހަރުގެ ފަހުން، 2019 ވަނަ އަހަރު ޓްރަމްޕް ދެއްވި ތަގުރީރު ފިޔަވައި، އެއްވެސް ރައީސަކު މިނިވަންދުވަހު ނޭޝަނަލް މޯލްގައި ތަގުރީރު ކުރައްވާފައެއް ނުވެއެވެ.
މި ހަރަކާތް ބެލުމަށްޓަކައި ޒިޔާރަތްކުރި މީހުންނަށް މޫސުން ގޯސްވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ފިނިހޫނުމިން 103 ޑިގްރީ ފެރަންހައިޓް (39 ޑިގްރީ ސެލްސިއަސް) އަށް މަތިވެފައިވާ ހޫނުގަދަ މޫސުމެއްގައި ގިނަ ގަޑިއިރުތަކެއް ވަންދެން އިންތިޒާރުކުރަން ޖެހުމުގެ ސަބަބުން ބައެއް ޕެރޭޑްތައް ކެންސަލް ކުރަން ޖެހުނެވެ. އަދި ބާރުގަދަ ތޫފާނެއް ސަރަހައްދާ ކައިރިވުމުން އާންމުންނަށް ޖެހުނީ ކައިރީގައި ހުރި މިއުޒިއަމްތަކާއި ސަރުކާރުގެ އިމާރާތްތަކުން ހިޔާވަހިކަން ހޯދާށެވެ.
ޓްރަމްޕް މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ އޭނާއަށް "ކޮންމެ ކަމެއްވެސް ކުރެވިދާނެކަން" ދެއްކުމުގެ ގޮތުން ވަރަށް ދިގު ތަގުރީރެއް ކުރައްވާނެ ކަމަށެވެ. ނަމަވެސް، މޫސުމީ ހާލަތާއި އެހެނިހެން ސަބަބުތަކާ ހުރެ، އޭނާގެ މިފަހަރުގެ ތަގުރީރު ކުރިއަށްދިޔައީ 40 މިނެޓަށްވުރެ ކުރު ވަގުތުކޮޅަކަށެވެ. ތަގުރީރު ނިންމަވާލެއްވީ އެމެރިކާގެ ތާރީޚީ ކާމިޔާބީތަކާއި، ހަނދަށް އިންސާނުން ދިޔުން ފަދަ ކަންކަމަށް ތައުރީފު ކުރައްވަމުންނެވެ.



