މާލެ، ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކުރި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދިގުވާނޑު.ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު / ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ.
ފުލުހުން ބުނީ މި ޖުލައި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މި ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 4 ވަނަ ދުވަހު ކަމަށާއި،މި މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖު ބަލައި، ވައްކަންކުރި މީހުން ދެނެގަނެ އެ މީހުން ހޯދައި ހައްޔަރުކޮށް އަދި އެ ފިހާރައިން އެ މީހުން ވަގަށްނެގި ލޮއިނަރު ރޯލުތައް މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



