ދިވެހިރާއްޖޭގެ ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށާއި، މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަކަތަ އުފެއްދުމަށް ކުރާ ޚަރަދު ކުޑަވެ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމުކުރެވޭނެއެވެ. މީގެ ސަބަބުން ރާއްޖެއަށް ބޭރުން އެތެރެކުރާ ތެލަށް ކުރާ ބޮޑު ހޭދަ ސަލާމަތް ކުރެވި، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.


