Wednesday, October 7
ހިޔާ ޓަވަރުތަކުގައި އިތުރު 32 ލިފްޓް ހަރުކޮށް، މަޝްރޫއު ރަސްމީކޮށް ނިންމާލައިފި

ހިޔާ ޓަވަރުތަކުގައި އިތުރު 32 ލިފްޓް ހަރުކޮށް، މަޝްރޫއު ރަސްމީކޮށް ނިންމި ރަސްމިއްޔާތުގެ ތެރެއިން، ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ - އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއު އެއްކޮށް ނިންމައި، ރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ހިޔާ ސަރަހައްދުގައި އެޗްޑީސީއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ނިންމަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް ވަނީ ހަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ލިފްޓްތަކުގެ މަސައްކަތް މީގެކުރިން ނިންމައި އާންމުން ދިޔައީ ބޭނުންކުރަމުންނެވެ. ރޭ އިފްތިތާހުކުރީ ނުނިމި ހުރި ލިފްޓްތަކުގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހުއެވެ.

ހިޔާ ޓަވަރުތަކަށް ލިފްޓް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހިޔާގެ ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރި ލިފްޓްތަކުގެ ދަތިކަމާއި، ކިޔޫ ދިގުވުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސް ވައުދުވެވަޑައިގެންނެވީ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކޮށްދެއްވުމަށެވެ.

އަލަށް ހަރުކުރެވުނު މި ލިފްޓްތަކަކީ ޖާގަ ތަނަވަސް، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ލިފްޓްތަކެކެވެ. އަދި ބަލިމީހުން އުފުލުމުގައި ފަސޭހަވާނެހެން ސްޓްރެޗަރު ވެސް ފަސޭހަކަމާއެކު އެރުވޭ ގޮތަށް މި ލިފްޓްތައް ވަނީ ފަރުމާކޮށްފައެވެ.

ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް ޖުމްލަ 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވެފައިވާ ކަމަށް އެޗްޑީސީއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު