ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ "ޑާޒަލެކްސް" ބޭހުގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖޭގައި ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ވޯލްޑް ހެލްތު އޯގަނިޒޭޝަން އިން ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ އިންޒާރެއް ނެރެފިއެވެ.
ޑާޒަލެކްސް އަކީ މަލްޓިޕްލް މައިލޯމާ ފަދަ ބޯންމެރޯއަށް އަސަރުކުރާ ކެންސަރުގެ ބާވަތްތަކާއި ލޭގެ ބަލިތަކަށް ހާއްސަކޮށްގެން އުފައްދާ ބޭހެކެވެ.
ޑަބްލިއުއެޗުއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއާއި މެކްސިކޯއިން މި ބޭހުގެ ސައްހަ ނޫން އިންޖެކްޝަންތަކެއް ފެނިފައިވާ ކަމަށެވެ. މީގެ ތެރެއިން MYS7381 އަދި STV1K01 ބެޗް ނަންބަރުގެ އިންޖެކްޝަންތަކަކީ ފޭކް އެއްޗެހިކަން ބޭސް އުފައްދާ "ޖޭންސެން" ކުންފުނިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ތެރެއިން STV1K01 ބެޗުގެ އިންޖެކްޝަންތައް ރާއްޖޭގައި ހުރިކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވެސް މިހާރު ވަނީ ކަށަވަރުކޮށްފައެވެ.
ޑަބްލިއުއެޗުއޯ އިން ހާމަކުރި ގޮތުގައި، މި ތަކެއްޗަކީ ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ބަޔަކު، ބޭސް އުފެއްދި ތަނާއި އޭގެ ލޭބަލްތައް އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ އިންޖެކްޝަންތަކެވެ. މި ފޭކް ބޭސްތަކުގެ ލެބް ޓެސްޓްތައް ހަދާފައި ނުވާތީ، އޭގައި ހިމެނޭ މާއްދާތައް އަދި ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް، މި ފޭކް އިންޖެކްޝަންތައް ބޭނުންކުރުމުގެ ސަބަބުން ބައެއް ބަލިމީހުންނަށް އިންފެކްޝަންތައް ޖެހި، ހާލަތު އިތުރަށް ގޯސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.


