Friday, November 6
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން މިއަދު ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން، މި މުބާރާތް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 2026 އޮގަސްޓު 11 އިން 30 އަށެވެ. މި މުބާރާތް މައިގަނޑު ދެ ބަޔަކަށް ބަހާލައިފައިވާއިރު، އެއީ ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުމުގެ ބައެވެ.

ވާހަކަދެއްކުމުގެ ބައިގައި ހިމެނެނީ:

  • ސްކޫލުތަކުގެ ބައި: މީގެ ތެރޭގައި ދަށު ސާނަވީ (ކީ ސްޓޭޖް 3)، ސާނަވީ (ކީ ސްޓޭޖް 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ހިމެނެއެވެ.
  • އަމިއްލަ ފަރާތްތަކުގެ ބައި: މީގެ ތެރޭގައި 18 އަހަރުން ދަށުގެ އުމުރުފުރާ އާއި 18 އަހަރުން މަތީގެ އުމުރުފުރާ ހިމެނެއެވެ.

ބަހުސްކުރުމުގެ ބައި ހާއްސަކޮށްފައިވަނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. މީގެ ތެރޭގައި އޮފީސްތަކާއި، ކުންފުނިތައް، ޖަމުއިއްޔާ ޖަމާއަތްތައް، ކުލަބުތައް، ޔުނިވަރސިޓީ، ކޮލެޖު، އިންސްޓިޓިއުޓް އަދި އެކެޑަމީތަކުގެ ޓީމުތަކަށް ބައިވެރިވެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކުރަންވާނެއެވެ.

އެކެޑަމީން އިތުރަށް ބުނެފައިވާ ގޮތުގައި، މުބާރާތުގެ މައުޟޫޢުތައް އާންމުކުރާނީ އެ އުމުރުފުރާއެއްގެ ވާހަކަދެއްކުން ފެށުމުގެ މަދުވެގެން 5 ދުވަސް ކުރިންނެވެ. މުބާރާތާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމު މެދުވެރިކޮށް، މުބާރާތް ނިމޭ ދުވަހާ ވިދިގެން އަންނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ.

މި މުބާރާތުގެ ގަވާއިދާއި އިތުރު ތަފުސީލުތައް ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު