މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ސަރަހައްދީ ގައުމުތަކުގެ އެއްބާރުލުމާ ނުލައި ކާމިޔާބު ނުވާނެ ކަމަށާއި، އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުން "ހަލާކުކޮށްލުމުގެ" ފުރުސަތު އިސްރާއީލަށް ދީގެން ނުވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
އިސްތަންބޫލްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގެ ނިންމުމާއި ބައިވެރިވުން ނެތް އެއްވެސް ހައްލަކީ ދެމެހެއްޓެނިވި ހައްލަކަށް ނުވާނެ ކަމަށެވެ. "އެމެރިކާ އާއި އީރާނުގެ އެއްބަސްވުން ހަލާކުކޮށްލުމަށް އިސްރާއީލުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުންދަން. މިހާރު އޮތް ހަނގުރާމައަށް ދެވިހިފާފައިވާ އިސްރާއީލު ސަރުކާރަށް، އަޅުގަނޑުމެންގެ މި ސަރަހައްދު ދެވަނަ ފަހަރަށް ލޭގެ ވަހުން ފުރާލުމުގެ ފުރުސަތެއް ދީގެން ނުވާނެ،" އުރުދުޣާން ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށް އުރުދުޣާން ތަކުރާރުކޮށް ދަނީ ތުހުމަތު ކުރައްވަމުންނެވެ. މީގެ އިތުރުން ޣައްޒާ، ލުބުނާން އަދި ސީރިޔާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައްވެސް އޭނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ފާއިތުވި ހަފުތާގައި ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކަށްފަހު، އެމެރިކާ އާއި އީރާނުގެ ވަފުދުތަކުން ވަނީ ގަތަރުގައި ނުސީދާ ވާހަކަތަކެއް ބާއްވާފައެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވި ގޮތުގައި، އެއްބަސްވުމާ ހިލާފުވާ ކަންކަން ރިޕޯޓުކުރުމަށްޓަކައި ވޮޝިންގްޓަނާއެކު މުވާސަލާތީ ޗެނަލްއެއް އީރާނުން ގާއިމުކުރާނެއެވެ.
ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ބައި އަދާކޮށްގެން އެކުލަވާލި މި އެއްބަސްވުމުގައި މުހިންމު ކަންތައްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި 60 ދުވަހުގެ މުއްދަތަކަށް ހަމަލާތައް ހުއްޓާލުމާއި، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން އެއްބަސްވުމަކަށް އައުމާއި، ހަނގުރާމަ ދާއިމީކޮށް ނިންމުމަކަށް ގެނައުމަށް ފައިނަލް ޑީލެއް އެކުލަވާލާނެ މުއްދަތެއް ކަނޑައެޅުން ހިމެނެއެވެ.
ނަމަވެސް، މި އެއްބަސްވުމުގެ މާނަކުރުންތަކާ މެދު ދެގައުމުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ފާއިތުވި ހަފުތާގައި އެމެރިކާ އާއި އީރާނުން ވަނީ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ހަމަލާތަކެއް ދީފައެވެ. މި ހާލަތުގައި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާކަން އުރުދުޣާން ވަނީ ފާހަގަކުރައްވާފައެވެ
Advertisement
Advertisement
އީރާނުގެ އެއްބަސްވުން ރޫޅާލުމަށް އިސްރާއީލަށް ފުރުސަތު ދީގެން ނުވާނެ: އުރުދުޣާން

Advertisement
މި ލިޔުމާ ގުޅޭ
Advertisement
Advertisement

