Tuesday, October 20
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި 2،500 އަށްވުރެ ގިނަ މީހުން އިންތިޚާބު ކުރަނީ
ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި އެކި މަގާމުތަކަށް 2،500 އަށްވުރެ ގިނަ މީހުން އިންތިޚާބު ކުރާނެ ކަމަށް އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ސާފުކުރުމަށްފަހު އިންތިޚާބީ ކޮމިޓީން މިހާރު ލިސްޓުތައް އެކުލަވައިލާފައިވާ ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުން ކުރިއަށްދިޔައީ ޕޯޓަލް މެދުވެރިކޮށް ކަމަށްވުމުން، ކޮންމެ ކެނޑިޑޭޓަކަށްވެސް އެ ބޭފުޅެއްގެ ފޯމުގެ މައުލޫމާތު މިހާރު ޕޯޓަލްއިން ބަލައިލެވޭނެއެވެ.

މި އިންތިޚާބުގެ ވޯޓުލުން 131 ރަށު ދާއިރާއެއްގައި ކުރިއަށްދާނެ ކަމަށާއި، ވޯޓުލާ މީހުންގެ ލިސްޓު މިއަދު ވަނީ ޢާއްމުކޮށްފައެވެ. އެހެންކަމުން، މި ލިސްޓަށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބާ ގުޅުންހުރި އެހެނިހެން ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވައިލާފައެވެ. ޕާޓީގެ ކޮންމެ މެންބަރަކަށްވެސް އެ މީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ޗެކްކޮށްލެވޭނެއެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި، ޕާޓީ މެންބަރުން ވޯޓުލާން ރަޖިސްޓްރީވެފައި އޮންނާނީ އެންމެ ފަހުން ބޭއްވުނު ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި ތަނުގައެވެ. އެހެންކަމުން، މެންބަރުން ލިސްޓު ކުރެވިފައިވާނީ އޭރު ރަޖިސްޓްރީ ކުރި ރަށެއްގައި ނުވަތަ މާލޭގައި ހުންނަ އެ މީހެއްގެ ދާއިރާގެ ފޮށީގައެވެ. ނަމަވެސް، މިހާރު ހުޅުވައިލާފައިވާ ޝަކުވާގެ ފުރުސަތުގައި އެދުމުން ވޯޓުލާ ތަން ބަދަލުކޮށްދެވޭނެއެވެ.

މީގެ އިތުރުން، ކައުންސިލް އިންތިޚާބުގައި ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުން، މި އިންތިޚާބުގައި އޮޓޮމެޓިކުން ލިސްޓު ކުރެވިފައިވާނީ މާލޭގައި ހުންނަ އެ މީހެއްގެ ރަށު ދާއިރާގެ ވޯޓު ފޮށްޓަށް ކަމަށްވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު