ކުއްލި ހާލަތްތަކާ ގުޅިގެން ސިވިލް ސާވަންޓުން އޮފީހަށް ހާޒިރުނުވެ، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން ހަމަޖައްސައި، އެ ގަވާއިދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެޒެޓުކޮށްފައެވެ.
މި އާ އުސޫލުގެ ދަށުން ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނީ، މަސައްކަތުގެ ތަފްސީލާއި އިދާރާގެ ސިއްރުތައް ހިފެހެއްޓުމަށް އިގުރާރުވާ ޚާއްސަ އެއްބަސްވުމެއްގައި މުވައްޒަފު ސޮއިކުރުމުންނެވެ. ނަމަވެސް، މަސައްކަތުގެ ބާވަތުން އޮފީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަންނުތަކުގެ މުވައްޒަފުން ކަމަށްވާ ޓީޗަރުން، ނަރުހުން އަދި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ.
ގަވާއިދުގައިވާ ގޮތުން ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ، ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއެއްގެ ލިޔުމަކަށް ރިޢާޔަތްކޮށް، އެ އިދާރާއެއްގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ އަށެވެ. މިގޮތަށް ހުއްދަ ދެވޭނީ ކުރާ މަސައްކަތަކީ އޮފީހުން ބޭރުގައި ހުރެގެން ވެސް އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތެއް ނަމަ އަދި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ރައްކާތެރި މާހައުލެއް ހުރިކަން އިދާރާއިން ކަށަވަރުކުރުމަށްފަހުގައެވެ.
މީގެ އިތުރުން، މިފަދަ އިންތިޒާމެއްގެ ދަށުން މަސައްކަތް ކުރާއިރު، އިދާރާއިން ދޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެކަން ކަށަވަރުކުރަންޖެހޭނެއެވެ. އަދި މުވައްޒަފު ކުރާ މަސައްކަތްތައް ނިންމާ މިންވަރު ދުވަހުން ދުވަހަށް ސުޕަވައިޒަރު މޮނިޓަ ކުރަންވާނެއެވެ. ގޭގައި މަސައްކަތް ކުރާ މުވައްޒަފަކު، އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން އިދާރާއިން އަންގައިފި ނަމަ އޮފީހަށް ހާޒިރުވާންޖެހޭނެއެވެ. އަދި ހަވާލުކުރާ މަސައްކަތްތައް އެދެވޭ މިންވަރަށް ނުކުރެވޭ ނަމަ، ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު އިދާރާއަށް ލިބިގެންވެއެވެ.


