Tuesday, October 20
ނަމާދު ވަގުތުތަކަށް ޚާއްޞަ އާ އެޕެއް ލޯންޗުކޮށްފި
ނަމާދު ވަގުތުތަކަށް އާންމުން އަހުލުވެރިކުރުވުމާއި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި "މަންފާ" ޖަމިއްޔާއިން "ބަންގި" ނަމުގައި ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ރޭ އިފްތިތާހުކޮށްފިއެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ހޯލުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މަންފާ އެކަޑަމީއާ އެކު ލޯންޗުކުރި މި އެޕްލިކޭޝަނަކީ އައްތިބްޔާންއިން ފަރުމާކޮށް ޑިވެލޮޕްކޮށްފައިވާ އެޕެކެވެ. މިއީ ހަމައެކަނި ނަމާދު ވަގުތުތައް ބަލާލުމުގެ އިތުރުން، ދީނީ ގިނަ މައުލޫމާތުތަކެއް ވެސް އެއްތަނަކުން ލިބޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މުހިންމު އެޕްލިކޭޝަނެކެވެ.

"ބަންގި" އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ބޭނުމަކީ ނަމާދު ވަގުތު ޖެހުމުން ފޯނަށް ނޮޓިފިކޭޝަން ފޮނުވައިދިނުމެވެ. މީގެ އިތުރުން، ނަމާދުގެ ތެރޭގައާއި ނަމާދުގެ ފަހުން ކިޔާ އެކި ޒިކުރުތަކާއި ދުއާތައް ދިވެހި އަދި އިނގިރޭސި މާނައާއެކު މި އެޕުން ކިޔާލެވޭނެއެވެ. ހަމައެހެންމެ، އެއް ނަމާދުން އަނެއް ނަމާދަށް ބާކީ އޮތް ވަގުތު ވެސް ވަގުތުން ބަލާލެވެއެވެ.

ދަތުރުވެރިންނަށާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ މީހަކު ހުރި ތަނެއްގެ ނަމާދު ވަގުތުތަކާއި ގިބުލަ ހުރި ދިމާ ދެނެގަނެވޭނެ ހިދުމަތް ވެސް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. މަންފާ ޖަމިއްޔާއިން ބުނި ގޮތުގައި، މި އެޕްގެ ސަބަބުން ދިވެހި މުޖުތަމައަށް ދީނީ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު