މިދިޔަ އަހަރުގެ މާޗު މަހު ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގައި ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ޓޫރިޒަމްގެ ބޭނުމަށް 50 އަހަރަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި އިތުރު 49 އަހަރަށް ދިގުދަންމާ ނަމަ އެއްފަހަރާ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަދި އެ މުއްދަތު 25 އަހަރަށް އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު، އަދި 20 އަހަރަށް އިތުރުކުރާ ނަމަ އެއްފަހަރާ ދައްކަން ޖެހެނީ ދެ މިލިއަން ފަސްލައްކަ ޑޮލަރެވެ.
މީގެކުރިން ގާނޫނު އޮތްގޮތުން ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ބޭނުންވާ ނަމަ، އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރުގެ މަގުން ބަލައި ހަ މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ. ނަމަވެސް އަލަށް ގެނައި އިސްލާހުގެ ސަބަބުން ދައުލަތަށް އާމްދަނީ ވަނުން އަވަސްވެ، ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވެއެވެ.






