Thursday, November 5
މިނިވަން ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ޤައުމީ ފެންވަރުގެ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި އެންސީއޭ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ދިވެހީންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް، ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމެވެ.

މީގެ އިތުރުން، މިނިވަންކަމުގެ މުހިންމުކަމާއި، މިނިވަންކަން ހޯއްދަވައިދެއްވުމަށް ޤައުމީ ބަޠަލުން ކޮށްދެއްވި އަގުހުރި މަސައްކަތްތަކާއި ވެވަޑައިގެންފައިވާ ގުރުބާނީތަކުގެ ހަނދާން އާކުރުމަކީވެސް މި މުބާރާތުގެ މުހިންމު މަގްސަދެކެވެ. އަދި ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ކުރެހުމުގެ ފަންނުވެރިކަމުގެ ތެރެއިން ޤައުމީ ލޯބި ދިރުވުމަށް މި މުބާރާތުގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.

މި މުބާރާތުގައި ހިމެނޭ ކޮންމެ އުމުރުފުރާއަކުންވެސް އެންމެ މޮޅު ތިން ކުރެހުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވޭ ކުރެހުންތަކަށް ފައިސާގެ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އެވެ. އެންސީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ކުރެހުމެއް މުބާރާތުގައި ބަލައެއް ނުގަނެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު