Saturday, October 31
ދެ އަހަރާ ބައިގެ ތެރޭގައި ކަސްޓަމުން ރިކޯޑު އަދަދެއްގެ ޑްރަގް އަތުލައިގެންފި

ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއި ރާއްޖެއިން ބޭރުކުރަން އުޅުނު ގަވާއިދާ ހިލާފު ބޭރު ފައިސާ އަތުލައިގަތް މިންވަރު ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖަނަވަރީ 2024 އިން ފެށިގެން 2026 ޖޫންގެ ނިޔަލަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަން ވަނީ އޭގެ ކުރީގެ ތިން އަހަރާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެފައެވެ. މި މުއްދަތުގައި ޖުމްލަ 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، 2021 އިން 2023 ގެ ނިޔަލަށް އަތުލައިގަނެވިފައިވަނީ 247 ކިލޯގެ މަސްތުވާތަކެއްޗެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ހިފެހެއްޓި ގަވާއިދާ ހިލާފު ބޭރު ފައިސާގެ (ބޭންކްނޯޓް) މިންވަރުވެސް ވަނީ 31 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2024 އިން 2026 ޖޫންގެ ނިޔަލަށް 147 މިލިއަން (ރުފިޔާގެ އަގުން) ބޭރު ފައިސާ ހިފަހައްޓާފައިވާއިރު، 2021 އިން 2023 އަށް ހިފެހެއްޓުނީ 116 މިލިއަން ރުފިޔާގެ ބޭރު ފައިސާއެވެ.

ކަސްޓަމްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، 2019 އިން 2023 އަށް (5 އަހަރު) ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ބޭރު ފައިސާގެ އަދަދާ އަޅާބަލާއިރު، ފާއިތުވި 2.5 އަހަރުގެ ތެރޭގައި އެތަކެތި އަތުލައިގަނެވުނު ނިސްބަތް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. މިއީ ސަރަހައްދީ ރައްކާތެރިކަމާއި، ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު